އަހުމަދު މަސްނޫމް   25 އޭޕްރީލު 2023 - 21:11
މިދިޔަ ފެބްރުއަރީމަހު ތައާރަފްކުރި ސިމްސް ޕޯޓަލުން މިހާތަނަށް 25000 އެޕްލިކޭޝަނަށް ހިދުމަތްދީފައިވާކަމަށް ޓްރާސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަލަށް ތައާރުފުކުރި "ސިމްސް" ޕޯޓަލަކީ ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.

ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށްވެސް ދުނިޔޭގެ ކޮންމެތާކު ތިބެގެންވެސް ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާހަކީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.



ޓްރާސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ އަލަށް ތާއާރަފު ކުރި ސިމްސް ޕޯޓަލް މެދުވެރިކޮށް ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 25000 އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައިކަމަށެވެ. އަދި ހިދުމަތް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އީފާސް ބޭނުންކުރުމުގެ ސަބަބުން ކުރިން އެޕްލިކޭޝަނާއެކު ހުށަހަޅުއްވާންޖެހޭ އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅަން ނުޖެހުމާއި އަދި ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އަމިއްލަ އީފާހުން ޚިދުމަތަށް ފަސޭހަކަމާއެކު އެދެވި އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބެލޭނެއެވެ. އަދި ހުށަހަޅާ އެޕްލިކޭޝަނަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭ ގޮތަށް ސިމްސް ޕޯޓަލްގައި ކަންކަން ވަނީ ތަރުތީބުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު