މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތްބައިގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ 2018 ވަނަ އަހަރުއެވެ. އެއީ ސިނަމާލެ ބްރިޖާ ގުޅުވައިގެން ގެނައި ބަދަލެކެވެ. އެގޮތުން މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލާއި މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން، ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދުގައި ވަނީ ތާރުއަޅާފައެވެ.

ބޮޑުބައެއްްގައި ތާރު އަޅާފައި އޮތްނަމަވެސް، ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައިވެސް އަދިވެސް ސަރަހައްދެއް އެބައޮތެވެ.

މި ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށެވެ. މީޑީއާތަކަށް މައުލޫމާތުދެއްވަމުން ޕްލޭނިންގ މިނިސްޓްރީން ބުނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. ނަމަވެސް މަސައްކަތް ރަސްމީކޮށް ހަވާލުކުރާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

މީގެކުރިން ސަރުކާރުން ވަނީ ރޯދައިގެ ފަހުން މި މަސައްކަތް ފަށާނެކަމަށް ބުނެފައެވެ.

ކުރީ ސަރުކާރުން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދިޔައީ އޭރު އޮތް އެމްއާރުޑީސީއާ ހަވާލުކޮށްގެނެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށްފައިވަނީ 4 ލޭނަށް، ދެކޮޅަށް ދުއްވޭގޮތަށް އެންމެ ޒަމާނީ ފެންވަރަށެވެ.

އެ މަގު ހެދުމަށްފަހު ބޭނުންކުރަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.



ކިޔުންތެރިންގެ ހިޔާލު