އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަމަހު އިތުރުވެފައިވާކަމަށް ދިވެހި ކަސްޓަމުން ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމުން ބުނީ ފާއިތުވި މާރޗް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރުގެ މާރޗް މަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މާރޗް މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށްވެސް ކަސްޓަމުން ބުނެއެވެ.



މީގެއިތުރުން، އިމްޕޯޓް އެކްސްޕޯޓުން ފާއިތުވި މާރޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ މާރޗް މަހު 320 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރޗް މަހު މި ޢަދަދުވަނީ 330 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، އޮމާން، ސިންގަޕޯރ، އަދި ޗައިނާއެވެ. އެގޮތުން ޔޫ.އޭ.އީން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އޮމާނުން 467 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ސިންގަޕޫރުން 408 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 357 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު