ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ކަސްޓަމުން ބުނެފިއެވެ.

ކަސްޓަމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކުރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލައި ފާސް ކުރެވުނު ޕެކޭޖުގެ ތެރޭގައި ހުރި 4 ޕަކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކަސްޓަމުން ބުނީ، އެތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1040 ގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު