ހަ ރޯދަ އަށްފަހު ޕީޕީއެމް އޭގެ ސައިޒުގައި ތެދުވާތަން ފެންނާނެ ކަމަށާއި އެ ތެދުވާ ތެދުވުން ނިންމާނީ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ރައީސް އޮފީހަށް ވައްދާފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕިއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވީ ހަ ރޯދަ އަށްފަހު ޕީޕީއެމް އޭގެ ސައިޒުގައި ތެދުވާތަން ރައްޔިތުންނަށް ފެންނާނެ ކަމަށާއި، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން ޔާމީން މިނިވަންކޮށް އެމަނިކުފާނުގެ ކެންޑިޑެސީ ކަށަވަރުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ކުރިއެރުންތައް ވެސް ލިބެމުން އަންނަ ކަމަަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ ހަ ރޯދަ ނިމުނީމަ ޕީޕިއެމް އޭގެ ސައިޒުގައި ތެދުވާތަން ފެންނާނެ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެ ތެދުވާ ތެދުވުމުގައި ދެން އިށީންނާނީ ރައީސް ޔާމިން އިރާދަކުރެއްވިއްޔާ ރައީސް އޮފީހަށް ވައްދާފައި 2023 ގައި ރިޔާސަތުގެ ގޮނޑީގައި ބައިންދާފައި،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަބުދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ހާލަތެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޔާމީންގެ ކެންޑިޑެސީ ކަށަވަރު ކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަމައެކަނި އޮތް ޕްލޭނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމިން ކަމަށާއި، "އޭ ޓު ޒެޑަށް" އިދިކޮޅުގެ ޕްލޭނަކީ އެއީ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ "ކޮތަޅު" ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފަައިވާކަން އިއުލާންކޮށްފައެވެ. އިދިކޮޅުގެ އެޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އެރޭގެ 8:30 ގައެވެ.



ކިޔުންތެރިންގެ ހިޔާލު