މާލޭ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިދުވަސްވަރު ފިނިހޫނުމިން އިހުސާސްކުރެވޭ މިންވަރު 40 ޑިގްރީ ސެލްސިއަސްއިން ނައްޗަށްދާ ކަމަށް ވެއެވެ.

ސްޓެލްކޯއިން ބުނީ ހޫނު ގަދަވުމާއި ގުޅިގެން، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ކަރަންޓް ބޭނުންކުރާ މިންވަރު ނުވަތަ އެވްރެޖް ޕަވަރ ޔޫސޭޖް ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައިކަމަށެވެ. އެގޮތުން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯއިން އެދެއެވެ.

ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއަރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށްސަމާލުކަން ދިނުމަށްވެސް ސްޓެލްކޯއިން އެދެޢެވެ. އަދި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައް ފިޔަވާ އިތުރު އާލާތްތައް މިދުވަސްވަރު ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯއިން ބުނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު