ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެެވެ.

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ލާޒިމްވާގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީއެެއް ނަގަމުންދާތީ ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައެެވެ. އެކަން އިސްލާހުކުރަން ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ބަހުސްކުރަން މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތެެއް ކަމަށާއި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން ޓެކްސް ބޮޑުކޮށްގެން ކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވަނީ އެކަން އެނގިތިބެގެން ކަމަށެވެ.

"އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މިމަހުގެ ތެރޭގައި ބޮޑުކުރުމަށްފަހު ހަމަ މިމަހުގެ ތެރޭގައި އެ ފީ ކުޑަކުރަން ސަރުކާރުން މަސައްކަތް ފެށުމުން ރައީސް ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.



"ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް،" ސަރުކާރަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމުން އެނިންމުމަށް އަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކޮތަޅުގެ އަގުބޮޑުވާން ދިމާވީ ޤާނޫނު ފާސްކުރިއިރު 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން އިސްތިސްނާކޮށްފައި އޮތް މާއްދާ މަޖިލީހުން އުނިކުރުމުންކަމަށެވެ.

ޤާނޫނަށް ގެންނަ އިސްލާހާއެކު ކޮތަޅު އަގުބޮޑުވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު