ފީ ނުނަގާ ޕްލާސްޓިކް ކޮތަޅެއް ވެމްކޯއިން ތައާރަފްކޮށްފިއެވެ.

ވެމްކޯއިން ބުނީ މިއީ ކުނި ވަކިކުރުމަށާއި ބަންދުކުރުމަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ބިންލައިނަރ ނުވަތަ ކޮތަޅެއްކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށިނަމަވެސް، ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ވިއްކާ ނުވަތަ ދޫކުރާ ކޮަތަޅުން ފީ ނަގަން ނުޖެހޭގޮތަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ވެމްކޯއިން ވިއްކާ ކޮތަޅުން ފީއެއް ނުނަގާނެއެވެ.

ވެމްކޯއިން ބުނީ އަންނަ ބުރާސްފަތިދުވަހުން ފެށިގެން ވެމްކޯޢިން މި ކޮތަޅު ވިއްކަމުންދާނެކަމަށެވެ. ތިން ސައިޒެއްްގައި ހުންނަ މި ކޮތަޅު ހުންނަނީ ކަޅު އަދި ފެހިކުލައިގައެވެ.

ވެމްކޯއިން ބުނި މިކޮތަޅުތަކުގެ ތެރެއިން ފެހި ކުލައިގެ ކޮތަޅަށް އަޅަންޖެހޭނީ ކުނިވާ ޒާތުގެ ތަކެއްޗާއި އަމިއްލައަށް ފަނާވާ ޒާތުގެ ތަކެތިކަމަށެވެ. އަދި އެހެނިހެން ކުނި ކަޅުކޮތަޅުގައެވެ.

ވެމްކޯއިން ބުނީ މި ކޮތަޅުތައް ވޭސްޓް ކަލެކްޝަން ސެންޓަރުތަކުންނާއި ވެމްކޯގެ ފްރަންޓް އޮފީސްތަކުން ލިބެން ހުންނާނެކަމަށެވެ. އަދި މިކޮތަޅު ކުނި އުކުމަށް އެކަނި ބޭނުންކުރުމަށްވެސް ވެމްކޯއިން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު