ކޮތަޅުން ފީ ނަގަނީ އާމްދަނީ ހޯދާކަށް ނޫންކަމަށާއި އެއީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ފެށި މަސައްކަތެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވެފައި މިވަނީ ކޮތަޅުން ޓެކްސް ނަގަން ފެށުމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެއްޓީ ދައުލަތަށް ދިގު މުއްދަތެއްގައި ހޯދާ އާމްދަނީއެއްގެ ގޮތުގައި ނޫންކަމަށެވެ. އަދ ދެވަނަ ފަހަރަށްވެސް ބޭނުންކުރެވޭ ކޮތަޅުތައް ބޭނުންކުރަން ފެށުމުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސްގެ އާމްދަނީ ކުޑަވާނެކަމަށެވެ.

ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި އެހެން ޤައުމުތަކުންވެސް އެމަންޒަރު ފެންނާނެކަމަށެވެ.

ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާ ނުކުރީ، ޕްލާސްޓިކް ކޮތަޅުގެ ބޭނުންކުރަންޖެހޭ ފަހަރު މަދުން ނަމަވެސް ކުރިމަތިވާތީކަމަށެވެ. ނަމަވެސް އުއްމީދަކީ ރާއްޖޭގައި މުޅިން އެއްކޮށް ކަރުދާސް އަދި ފޮތިކޮތަޅަށް ބަދަލުކޮށްލުންކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.



ޝައުނާ ވިދާޅުވީ ކުނި ބަންދުކުރުމަށް ހާއްސަ ކޮތަޅެއް ވެމްކޯއިން ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށެވެ. ނަމަވެސް އެ ކޮތަޅަށް ފީއެއް ނުނަގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މީގެކުރިން ގެނައި ބައެއް ބަދަލުތަކުގެ ތެރެއިން ފުޅިމަދުން ހާދާފައި ހުންނަ ކާއެއްޗެހި ބަންދުކުރާ ޕާރުސަލް ތައްޓާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ސަމްސާ، އޫ، އަދި ވަޅި ފަދަ ތަކެއްޗާއި ސުޕާރީ ޕެކެޓާއި ކޮޓަން ބަޑު އަދި އެކި ކަހަލަ ބުއިންތައް ބަންދުކޮށްފައި ހުންނަ ކުދިކުދި ފުޅި ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާކަމަށެވެ.

ޝައުނާ ވިދާޅުވީ މި އެއްޗެހި އެތެރެކުރުން މަނާކުރުމުންވެސް ދަތިތައް ކުރިމަތިވިނަމަވެސް، އެ ތަކެތީގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި މީހުން ހޯދިކަމަށެވެ.

ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު ކޮތަޅު ބޮނޑި އަގުބޮޑުވުމުގެ މައްސަލަ ކުރިމަތިވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ ޤާނޫނުގައި ހުރި މައްސަލަތައް ހައްލުކުރަން މިދިޔަމަހުގެ ފަހުކޮޅު މަޖިލީހަށް ބިލެއް ފޮނުވާފައިވާކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅުން ދެފަހަރަށް ޓެކްސް ނެގުމާއި ކޮތަޅު ބޮނޑި އަގުބޮޑުވުމުގެ މައްސަލަ މިކަމުގެ ސަބަބުން ހައްލުވާނެއެވެ. ނަމަވެސް ކޮތަޅުން ޓެކްސް ނެގުން ހުއްޓައެއް ނުލާނެއެވެ.

ޝައުނާ ވިދާޅުވީ މިހާރުވެސް ގިނަ ރަށްރަށުގައި ކުނި ނައްތާލަނީ މޫދަށް އަޅައިގެން ނުވަތަ ކުނި އަންދައިގެންކަމަށެވެ. ނަމަވެސް އެކަން އެގޮތުުގައި ކުރިއަށް ގެންދެވޭނެކަމަށާއި ޕްލާސްޓިކް ކުނި ގިނަވުމުގެ މައްސަލައަށް ހައްލު ހޯދަންޖެހޭކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވާއިރު މިކަމުގައި އެންމެ ބޮޑަށް މައްސަލަ ޖައްސަނީ ވިޔަފާރިވެރިންނެވެ. އެގޮތުން ފިހާރަތަކުން މުދާ ވިއްކުމުގައި ބޭނުންކުރުމަށް ގަންނަ ކޮތަޅު ބޮނޑި ޓެކްސް ދެއްކުމަށްފަހު ގަތުމަށްފަހުވެސް ކޮންމެ ކޮތަޅަކަށް ވަކިން ދެ ރުފިޔާ ދައްކަންޖެހެއެވެ. އެހެންކަމުން ކުރިން 25 ރުފިޔާއަށް ގަންނަމުންދިޔަ 100 ކޮތަޅުގެ ބޮނޑިއެއް މިހާރު ލިބެނީ 25 ރުފިޔާއަށެވެ.

ސަރުކާރުން ވިދާޅުވީ މިކަން މިހެން ދިމާވީ މަޖިލީހުން ޤާނޫނު ފާސްކުރިއިރު އެކަމަށް ހައްލު ހޯދައިދޭ މާއްދާއެއް އުނިކޮށްފައި އޮތުމުންނެވެ. ސަރުކާރުން ވަނީ އަނެއްކާވެސް އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ބިލު ފާސްވެ، ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް އަދި ނޭނގެއެވެ.



ކިޔުންތެރިންގެ ހިޔާލު