ކްލިނިކެއް ހިންގަން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ބިޑެއް އަލުން ބަލައިދިނުމަށް އެދި މައްސަލަ ހުށަހެޅީ، ސިއްހީ ހިދުމަތުގެ ތަޖުރިބާގެ ބައިން ރާއްޖޭގެ މަޝްހޫރު ޑޮކްޓަރަކަށްވުރެ މަތިން ހިޔަލީ ރަޝީދަށް މާކްސް ދީފައި އޮޮތުމުންކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ކްލިނިކެއް ހިންގަން ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމަށް 2021 ވަނަ އަހަރު ކުރިއަށްދިޔަ އެ ބީލަމުގައި ރޮޒައިނާގެ ހިއްސާ އޮންނަ ކުންފުންޏަކުންވެސް ޕްރޮޕޯސަލް ހުށަހެޅިއެވެ. ރޮޒައިނާގެ ހިއްސާ އޮންނަ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި ރޮޒައިނާގެ އިތުރުން މެޑިކަލް ޑޮކްޓަރެއްކަމަށްވާ ޑރ. އައިމިނަތު ނަޒީރުގެ ހިއްސާވެސް އޮވެއެވެ.

ބީލަމަށް ޕްރޮޕޯސަލް ހުށަހެޅި އަނެއް ކުންފުންޏަކީ އައްޑޫ އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި މުހައްމަދު ރަޝީދު (ހިޔަލީ ރަޝީދު)ގެ މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏެވެ. އޭނާއަކީ ވިލިފުށީ ދާއިރާގެ މެމްބަރު ހަަަސަން އަފީފާއެކު ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.

އެ ބީލަމުގެ އިވެލުއޭޝަން ނިންމައި މަސައްކަތް ފުރަތަމަ ހަވާލުކުރަން ނިންމީ ހިޔަލީގެ ކުންފުންޏާއެވެ. ނަމަވެސް ބީލަމުގެ އިވެލުއޭޝަންގައި ހުރި މައްސަލަތަކެއް ރޮޒައިނާގެ ހިއްސާ އޮންނަ ޑީވައިއެމްއިން ހުށަހެޅުމުން ބީލަން ވަނީ އަލުން އިވެލުއޭޓްކޮށްފައެވެ. އަލުން އިވެލުއޭޓްކުރުމުން ބީލަން ކާމިޔާބުވެފައިވަނީ ރޮޒައިނާާއާއި ޑރ. އައިމިނަތު ނަޒީރުގެ ކުންފުންޏަށެވެ.

2021 ވަނަ އަހަރު ކުރިއަށްދިޔަ މި ބީލަމުގެ ވާހަކަ އަނެއްކާވެސް ބައެއް ފަރާތްތަކުން ދައްކަމުންދާތީ ރޮޒައިނާ ވަނީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރޮޒައިނާ ވިދާޅުވީ ކްލިނިކްގެ ބީލަމުގެ މައްސަލަ ހުށަހެޅީ ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ބީލަން އިވެލުއޭޓްކުރިއިރު އޭނާގެ ކުންފުނީގެ އަނެއް ހިއްސާދާރު އަދި ސިއްހީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ޑރ. އައިމިނަތު ނަޒީރަށް ސިއްހީ ހިދުމަތުގެ ތަޖުރިބާގެ ބައިން ދީފައިވަނީ 0 ކަމަށާއި ނަމަވެސް ހިޔަލީ ރަޝީދަށް އެ ބައިން މެޑިކަލް ޑޮކްޓަރަކަށްވުރެ މަތިން މާކްސް ލިބިފައި އޮތް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސިއްހީ ހިދުމަތުގެ ތަޖުރިބާގެ ބައިން ރާއްޖޭގެ މަޝްހޫރު ޑޮކްޓަރަކަށްވުރެ މަތިން ހިޔަލީ ރަޝީދަށް މާކްސް ދީފައި އޮޮތުމަކީ ގޯހެއްކަމަށާއި، އަދި އެ ބީލަން އަލުން ރީއިވެލުއޭޓްކުރަން އޭނާ ހުށަހެޅީ އެފަދަ ގޯސްތައް ހުރުމުންކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މެޑިކަލް ކްލިނިކެއް ހިންގާތާ އެތައް އަހަރަކުތަކެއް ވެފައިވާ ޑޮކްޓަރަކަށްވުރެ ރަނގަޅަށް ހިޔަލީ ރަޝީދު ކްލިނިކެއް ހިންގާނެކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެކަމަށެވެ.



މި ކްލިނިކްގެ މައްސަލަ ފުރަތަމަ އުފެދިގެން އުޅުނުއިރު މިއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ނުފޫޒާއެކު ކުރިކަމެއްކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލަ އޭސީސީންވެސް ތަހުގީގުކުރިއެވެ. އޭސީސީން މިމައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ މި މައްސަލައިގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު