ފުވައްމުލައް ސިޓީގައި މިއަދު ކުލަ ޖަހަން އުޅުނު ބައެއް ކައިރިން ސަލާމަތްވާން ވެގެން އުޅެނިކޮށް، ސައިކަލާއެކު ވެއްޓި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެެވެ.

ފުވައްމުލަކުގައި މިއަދު ހަވީރު ހިނގި މި ހާދިސާ ހިނގާފައިވަނީ ކުލަ ޖަހަން އުޅުނު ބައެއް ކައިރިން ސަލާމަތްވާން އުޅުނު އަންހެނަކު ސައިކަލުން ވެއްޓިގެންނެވެެ. މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 20 އަހަރުގެ އަންހެނަކަށެވެ. މި އެކްސިޑެންޓްގައި 61 އަހަރުގެ ފިރިހެނަކަށް ވެސް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލުން ވެއްޓި އަނިޔާވި އަންހެން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. "ރަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

އީދާއި ދިމާކޮށް ރަށްރަށުގައި ފެން އަދި ކުލަ ޖެހުމަކީ ދިވެހިންގެ ސަގާފަތާއި ގުޅިފައި އޮންނަ ކަމެކެވެެ. އެހެން ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލުތަކުން ވަނީ ފެނާ ކުލަ ޖެހުން މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު