ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 131 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލެ ސިޓީގައި ބާއްވައިފިއެވެ.

މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ޝަރަފުގެ ހިނގާލުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ. އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ކާނަލް އިބްރާހިމް ރަޝީދު ކޮމާންޑަރަކަށް ހުންނެވި މިޝަރަފުގެ ހިނގާލުމުގައި އެމްއެންޑީއެފް ބްރާސް ބޭންޑާއެކު ޖުމްލަ 8 ގެމަ ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑް، އެމްއެންޑީއެފް މެރިން ކޯރ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޑިފެންސް އިންޓެލިޖެންސް ސާރވިސް، ސާރވިސް ކޯރ، އެޖުޓަންޓް ޖެނެރަލްސް ކޯރ އަދި މެޑިކަލް ކޯރ، ސްޕެޝަލް ފޯސަސް އަދި ސްޕެޝަލް އޮޕަރޭޝަން ގްރޫޕް ގެ ސިފައިން ހިމެނެއެވެ.

މި ގެމަތަށް ބައިވެރިވެފައިވަނީ އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯރމުގައެވެ. މީގެ އިތުރުން ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައްވެސް މި ޝަރަފުގެ ހިނގާލުމުގައި ވަނީ ދައްކާލާފައެވެ.



މި ޝަރަފުގެ ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި މުލިއާގެ ކައިރި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލެގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތީގައި ޝަރަފުގެ ހިނގާލުން ހުއްޓައި ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ވަނީ ކުޅެފައެވެ.

މިއަދު ބޭއްވި ޝަރަފުގެ ހިނގާލުމަށް އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު