މިހިނގާ ވެރިކަމުގެ ދައުރަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރި ފަހުން، ރާއްޖޭގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން އެންމެބޮޑަށް ޤާއިމްވެފައި އޮތް ދައުރުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ، މިހެން ވިދާޅުވީ ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރޭ މުނާސަބާތާއި ގުޅިގެން ފޮނުއްވި ޚިތާބެއްގައެވެ.

އެ ޚިތާބުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ 2008 ވަނަ އަހަރު މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ތަޢާރަފްކޮށް، ޑިމޮކްރެސީގެ މަގަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރިފަހުން، ފާއިތުވެދިޔަ 4 އަހަރާ 5 މަހަށްވުރެ، ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ޤާއިމްވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކިފައި ނުވާނެކަމަށެވެ. އެއީ ދެބަސް ނުވެވޭނެ ޙަޤީޤަތެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ، ގޮންޖެހުންތަކާ އެކު ވެސް އަމާންކަމާއި ހަމަޖެހުމުގެ މަތީގައި ގައުމު ބާއްވައިގެން ހޯދި ތަރައްގީ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ޙާޞިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަޅުގަނޑުމެން މިދެކޭ ހަމަޖެހުމާއި އަމާންކަން. ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްޤީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް." މިނިސްޓަރ މާރިޔާގެ ޚިތާބުގައިވެއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ ހިދުމަތުގެ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން ދިއުމަކީ ރަށްރަށް ތަފާތު ކުރުމެއް ނެތް ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ސިފައިންގެ އިތުރު މަރުކަޒުތައް ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރގެ ޚިތާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއަރއަށް ދެއްވާ އިސްކަމާއި، ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑެއްގައި ދެމެހެއްޓުމަށް ދެއްވާ ލަފަޔާއި އިރުޝާދު ފާހަގަކުރަށްވައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު