ގައުމުގެ ތަރައްގީއަށް އެންމެ މުހިންމީ އެއްބައިވަންތަކާއި އަމާންކަން ކަމަށް އީދު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި އީދު ހުތުބާގައި ބުނެފައިވަނީ ވަތަނުގެ އަމާންކަމުގެ ނިއުމަތަކީ މާތް ﷲ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށާއި އެ ނިއުމަތަށް ރައްކާތެރިވާން ޖެހޭ ކަމަށެވެ. ގައުމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އީދު ނަމާދުގެ ޖަމާއަތުގެ ރަމްޒަކީ ވެސް އެއްބައިވަންތަކަމާއި، ކުޑަކުދީންނާއި ބޮޑެތި މީހުން، ފަގީރުންނާއި މުއްސަނދީންގެ މެދުގައި އޮތް ކުލުނާއި ލޯބި ކަމަށެވެ.

އެހެންކަމުން މިއަދު ހުރިހާ ރުޅިވެރިކަމަކާއި ހަސަދަވެރިކަމަކުން އަޅުގަނޑުމެންގެ ހިތްތައް ސާފުކުރުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި ބައިބައިނުވެ އެއްގަލަކަށް އެރުމާއި ކޮންމެ މީހަކު ވެސް އަނެކާގެ ހައްގު އަދާކޮށް މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވާން ހުތުބާގައި ވަނީ ގޮވާލާފައެވެ.

ހުތުބާގައި ބުނީ މިފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ މުހިންމު އަނެއް ކަމަކީ އީދު ނަމާދުގެ ޖަމާއަތަށް އެންމެން ހާޒިރު ކުރުވީ އިސްލާމްދީން ކަމަށް ވުމާއި، ދީނާއި އަގީދާއަށް ރައްކާތެރިވާންޖެހޭނެ ކަން ކަމަށެވެ. އަދި ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ އިސްލާމްދީނާއި އެކުވެރިކަމާއި މިނިވަންކަމާއި އިސްތިގުލާލު ކަމަށާއި ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކޮށް، ދެމެހެއްޓުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭނެ ކަމަށް ހުތުބާގަ ވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުއޫރުތައް ފާޅު ކުރެވޭ އިސްލާމީ އީދުތަކަކީ އޭގެ އުފަލުގައި އެންމެން ބައިވެރިކުރަން ޖެހޭ އީދެއް ކަމަށެވެ. އެގޮތުން އީދު ދުވަހު އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސް މީހުން ނޫން ކަމަށާއި މުއްސަނދީން، ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމްދީން ގޮވައިލަނީ އެކުވެރިކަމާ ބަދަހިކަމަށް ކަމަށާއި ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން ރަމަޝާން މަހަށް ފަހު ވެސް ފަރުޝު ނަމާދުތައް ކުރުމާއެކު ހެއު އަމަލުތަށް ކުރުންމަތީގައި ދެމިތިބުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު