ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު ހަމަލާއެއް ދިނުމަކީ އެކަށީގެންވާކަމެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ރޮޒައިނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކުރައްވާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެން ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދަޢުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ހަނިކުރުމަށް މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް މަސައްކަތް ކުރަށްވާކަމަށް ތުހުމަތު ކުރަށްވައި، މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށައަޅުއްވާފައެވެ.

އިންތި ވިދާޅުވެފައިވަނީ ސަރުކާރާ ގާތް ގުޅުން އޮންނަ އަދި ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި މި ދެންނެވި ދެ ބޭފުޅުންނަކީ ރައީސް ނަޝީދާމެދު މަތީ ދަރަޖައެއްގެ ރުޅިވެރިކަމާ ނަފްރަތު އޮންނަކަން އެނގޭގޮތަށް ބަސްތައް ރައްދުކުރައްވަމުން ގެންދަވާ ބޭފުޅުންކަމަށެވެ. އަދި އެ ދެބޭފުޅުން ހަމައެކަނި ރައީސް މުހައްމަދު ނަޝީދަށް ޓާގެޓް ކުރައްވައި ތްރެޓްގެ މިންވަރު އެންމެ މަތީ ލެވެލްގައިވާ އެފަދަ ބޭފުޅަކަށް، ގާނޫނީ ގޮތުން ލާޒިމްކުރާ ސެކިއުރިޓީ ފޯރުކޮށްދިނުމާމެދު ފާޑުވިދާޅުވެ، އެކަމަށް ދެކޮޅުހައްދަވައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަންޖެހޭ އިތުރު ސަބަބެއް އޮންނާނެކަމަކަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށް އިންތިގެ މައްސަލާގައިވެއެވެ.

މިކަމާއި ގުޅިގެން ރޮޒައިނާ ފުލުހުންނަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ އިންތި ކުރައްވާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި އަނިޔާވެރި އަމަލުތަކަށް ތަރުހީބު ދެއްވާ ބޭފުޅެއް ނޫންކަމަށާއި، އަބަދުވެސް ވަކާލާތު ކުރައްވަނީ އަނިޔާވެރިކަމާއި ދެކޮޅަށްކަމަށެވެ. އަދި އޭނާއަކީ ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ބޭފުޅެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމަށް އިންތި ތުހުމަތުކުރުމަކީ އޭނާއަށް ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއްކަމަށާއި، އަދި އެކަމުގެ ސަަބަބުން ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު އޭނާއަށް ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ މައްސަލައިގައި އޭނާގެ މައްޗަށް އިމްތިޔާޒް ފަހްމީ ކުރައްވާފައިވާ ދޮގު ތުހުމަތުތައް ތަހުގީގުކުރައްވާ، ޖިނާއީ ދައުވާއެއް ކުރަން ޖެހިއްޖެނަމަ އެ ދައުވާއެއްކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅި މައްސަލައިގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު