ފިތުރު ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން "އޮޕަރޭޝަން ފިތުރު 2023" ނަމުގައި ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ، ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ކަނޑުމަތިން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ އިތުރުން ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަނުގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމަށް ވެސް ހަމަޖެހިފައިވާކަމަށެވެ.

އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަން ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު