ޖުމްހޫރީި ޕާޓީގެ ވެރިކަމެއްގައި ގެންގުޅުއްވާނީ ވަކި ފަރާތަކަށް ބަރޯސާނުވާ ސިޔާސަތެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަނަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާ ގާސިމް އިބްރާހިމަކީ މި ފަހަރުގެ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ބޭފުޅެއްކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަ މީހުން ބުނެއެވެ.

ރިޔާސީ އިންތިހާބަށް ގާސިމް ނިކުންނަވާއިރު އެމަނިކުފާނުގެ ކެމްޕެއިންގައި އެމްޑީޕީއާއި ޕީޕީޢެމްގައި ކުރިން އިސްކޮށް މަސައްކަތްކުރައްވާފައިވާ ގިނަ ބޭފުޅުން އެބަތިއްބެވިއެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޖުމްހޫރީ ޕާޓީއާ ގުޅެމުންކަންވެސް ފާހަގަކޮށްލެވެއެވެ.

ގާސިމް ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހޯމަދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ގާސިމް ވަނީ އެމަނިކުފާނު ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާނީ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް އިބްރާހިމް ނާސިރު ގެންގުޅުއްވި ހާރިޖީ ސިޔާސަތުކަމަށެވެ.



އެ ޓްވީޓްގެ މާނައާއި ގުޅޭގޮތުން ގިނަ ބަޔަކު ވާހަކަދައްކަމުންދަނިކޮށް ގާސިމް ވަނީ އެކަމާއި ގުޅޭގޮތުން މީޑިއާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

ގާސިމް ވިދާޅުވީ ހާރިޖީ ސިޔާސަތުގައި، ކަންކަން ނިންމެވުމުގައި، އަބަދު ވެސް އިސްކުރައްވާނީ ރާއްޖޭގެ މަސްލަހަތު ކަމަށެވެ. އަދި ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރެއްވުމުގައި ވެސް ގެންގުޅުއްވާނީ ވަކި ފަރާތަކަށް ބަރޯސާ ނުވާ ސިޔާސަތު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ވަކި ބަޔަކާ ދެކޮޅު ހަދައިގެން ތިބި ބައެއް ނޫނޭ މި ބުނަނީ. ގައުމުގެ އިސްތިގުލާލާއި މިނިވަންކަމާއި ދީން، މިކަންކަން ކާބަފައިން ފޯރުކޮށްދިން ގޮތަށް އެ ގޮތުގައި ދެމިތިބުމަށް ބޭނުންވަނީ،" ގާސިމް ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ވަކި ފަރާތަކަށް ބަރޯސާނުވާނެކަމަށް ވިދާޅުވެ ގާސިމް ދައްކަވާ ވާހަކަފުޅު އެ އިޝާރަތްކުރައްވަނީ މި ސަރުކާރުން އިންޑިއާއަށް ބަރޯސާވެގެން ކުރަމުންދާ މަސައްކަތްތަކަށްކަމަށް ބެެލެވޭކަމަށެވެ. އަދި އެއީ އިދިކޮޅު ޕީޕީޢެމްގެ މެމްބަރުންގެ ތާއީދު ހޯދުމަށް ގާސިމް ހާމަކުރެއްވި ވާހަކަތަކެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ގައުމާއި ދީނަށް ލޯބިކުރައްވާ ގާސިމަކީ މީގެކުރިންވެސް ރާއްޖޭގައި އިސްތިގްލާލާއި މިނިވަންކަމަށް އަސަރުކުރާފަދަ ކަންކަން ކުރީގެ ސަރުކާރުތަކުން ކުރުމުން އެކަމާއި ދެކޮޅަށްވެސް އަޑުއުފުއްލަވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އިލްުމުވެރިންގެ ފާޑުކިޔުން ރާއްޖޭގައި އުޅޭ ބައެއް ސިޔާސީ ބޭފުޅުންނަށް އަމާޒުވިޔަސް، ދީނީ ކަންކަމުގައި ގެންގުޅުއްވާ އުސޫލުތަކުގެ ސަބަބުން ގާސިމް ފާހަގަވެފައިވަނީ ދީނީ އިލްމުވެރިންގެ ތާއީދުވެސް ބޮޑު ބޭފުޅެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިހާބަށް ގާސިމް ކެމްޕެއިން ކުރައްވަމުންދާއިރު 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަންކުރި ކޮންމެ ބޭފުޅަކަށްވެސް ވެރިކަމަށް ވަޑައިގެންނެވުނީ ގާސިމްގެ ރުހުމާއި ތާއީދު ލިބިގެންކަން ފާހަގަކޮށްލެވެއެވެ. އަދި ގާސިމްގެ ތާއީދު ނެތްނަމަ އެއިން އެއްވެސް ބޭފުޅަކަށް ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތެއް ނުލިބުނީހެވެ.



ކިޔުންތެރިންގެ ހިޔާލު