ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ 3 ބްލޮކްގެވެސް ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ރޭނުމުގެ މަސައްކަތްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޓިވެޓް ސެންޓަރ ހިންގަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާއިރު ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، އިދާރީ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް މިނިސްޓްރީން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ ވޯލްޑް ބޭންކްގެ އެހީގައި ޤާއިމްކުރާ ސްޓޭޓް އޮފް ދި އާރޓް އައިސީޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކަށް ޚާއްސަ ކުރުމަށް ހަމަޖެހިފައިވަނީ އެ ރަށަކީ ބޯޓު ބަނުމުގެ މުއްސަނދި ސަގާފަތަކާއި ތާރީހެއް އޮތް ރަށަކަށްވާތީކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.ހަސަން ވިދާޅުވިއެވެ.



ބޯޓް ބިލްޑިންގ ދާއިރާގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް މިތަނުގައި ހުންނާނެއެވެ.

މި ސެންޓަރު ގާއިމްކުރެވޭއިރު، ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރަކީ މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، ސަރުކާރުގެ ސްޓްރެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު