އަހުމަދު މަސްނޫމް   19 އޭޕްރީލު 2023 - 20:3
ރައްޔިތުން ބޭނުންކުރާ ކޮތަޅު އަގު ބޮޑުނުވާ ކަމަށް އިޤްތިސާދީ މާހިރެއްކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ފީއެެއް ނަގަން ފެށުމާ ގުޅިގެންނެެވެ. ސަރުކާރުގެ އެ ނިންމުމާއެކު ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު އިއްޔެއިން ފެށިގެން ހަތަރު ގުނަ ވަނީ ބޮޑުވެފައެވެ.



އެގޮތުން ކޮތަޅު ފީގެ ގޮތުގައި ނަގާ 3 ރުފިޔާއާއި ފީގެ ގޮތުގައި ނަގަން ލާޒިމުކޮށްފައިވާ 2ރ. އާއެކު ޖުމްލަ ރައްޔިތުންގެ އަތުން ކޮތަޅަށް 5 ރުފިޔާ މިހާރު އަންނަނީ ނަގަމުންނެެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އިސްސަފުގައި ކުރިން ހަރަކާތްެތެރިވެވަޑައިގެންނެވި ނަފާ ނަސީމް ވިދާޅުވީ ކޮތަޅު އަގުބޮޑުވީ ނޫން ކަމަށާއި، ޓެކްސް މަތިކޮށްގެން އަގުބޮޑުކުރީ ކަމަށެވެ. އޭގެ ބޭނުމަކީ މީހުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރަމުން ގޮސް އެ ބޭނުންކުރުން ހުއްޓުވުން ކަމަށް ނަސީމް ވިދާޅުވިއެވެ.

"މަގްސަދަކީ ވެށި ޙިމާޔަތްކުރުން، ވިސްނަންވީ ޕްލާސްޓިކާ ދުރުވާން، ޝަކުވާކޮށްގެން އަގުކުޑަކުރާކަށް ނޫން..ދީ؟!" ނަސީމް ވިދާޅުވިއެވެ.

ޕްލާސްޓިކް ކޮތަޅުން ސަރުކާރުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމަށް ކަމަށް ބުނެއެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމި ނަމަވެސް، ބައެއް ހާލަތްތަކުގައި އެ ފީ އިސްތިސްނާވާނެ ކަމަށް ޤާނޫނުގައި ވެއެވެ. އެގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެކަމަށް ޤާނޫނުގައިވެއެވެ. ކޮތަޅު އަގަށް ސަރުކާރުން ގެނައި ބަދަލު މުރާޖައާ ކުރުމަށް ގިނަބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު