މިއަހަރުގެ ރަމަޟާންމަސް ނިމުމަކާ ގާތްވެފައިވާއިރު، ވިދިގެން އަންނަ ފިތުރު އީދުދުވަސް އަރބަންކޯގެ ފަރާތުން ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

އަރބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑުގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގައެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާނެކަމަށް އަރބަންކޯ އިން ހާމަކޮށްފައިވެއެވެ.

ކުޑަގިރި އީދު ފެސްޓުގައި ކުރިއަށްދާނެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި؛ ކުލަ ޖެހުމާއި، ކްރޮސްނެޓް ވޮލީބޯޅަ، ކުޑަކުދިންގެ ކައިޓް ސެޝަންގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތައްވެސް ހިމެނެއެވެ. އަދި އީދަށް ހާއްސަމޮށް ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތަކާއި، ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ޖެހުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.



އަރބަންކޯއިން ބުނީ ބިދަބިން ބޮޑުބެރުގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ އީދުގެ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30 އިން ފެށިގެން އިރު އޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެކަމަށެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ ދައްކަން ޖެހޭނެއެވެ. އީދު ސްޕެޝަލް ގާލާ ޑިނާގެ އިތުރަށް ޑި ޓިއުން ބޭންޑުގެ އިތުރަށް ރާއްޖެއާއި ބައިނަލްއަގުވާމީ އެކިފަންނާނުންގެ އެކި ހަރަކާތްތައް ކުޑަގިރި އީދު ފެސްޓުގައި ހިމެނިގެންދާނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު