ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސާއި ނުވަތަ ނާއިބު ރައީސްގެ ބަދަލުގައި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނަވާތީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްކަމަށް ޤަވާއިދުގައި އޮންނަކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެންނަނީ ހެނދުނު އެކަނިކަމަށާއި އޭގެފަހުން އެމަނިކުފާނު ރިޔާސަތުގައި ނީންނަވާކަމަށެވެ.

"ނުފެނޭ މެންދުރުފަހުގެ ފަހުން. އަޅުގަނޑުމެންނަށް ފެންނަނީ މަޖިލީހުގެ ނާއިބު ރައީސް ނުވަތަ އެހެން ބޭފުޅެއް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސަށް ރިޔާސަތުގައި އިންނެވެން ނެތްނަމަ އެކަންކުރާންޖެހޭގޮތް ގަވާއިދުގައި އޮންނަކަމަށެވެ.

"ނަމަވެސް ދުވަހަކުވެސް މަޖިލީހުގެ ރިޔާސަތު ބަދަލުވާއިރު މައުލޫމާތެއް ނުލިބޭ." ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަކީ އެމަސައްކަތްކުރުމަށް އެހެން މެމްބަރުންނަށްވުރެ ބޮޑު އެލަވަންސެއް ކަނޑައަޅާފައި ތިިބި ބައެއްކަމަށެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް ފެންނަނީ އެހެން ބޭފުޅަކު އެމަސައްކަތުގައި އުޅުއްވާ މަންޒަރު ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ބ ގައި އެކަންކުރާ ސަބަބު މެމްބަރުންނަށް އަންގަން އޮންނަކަމަށެވެ.

"ނަމަވެސް އެބޭފުޅަކު ރިޔާސަތުގައި އެ އިންނެވީ ކޮން ހާލަތެއްގެ ދަށުންތޯވެސް މެމްބަރުންނަށް އަންގަމަކުން ނުދޭ." ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެން އުުުޒުރުވެރިވާ ހާލަތުގައި އެކަންކުރާނެ 5 ބޭފުޅުން ކަނޑައެޅުމުގެ ފުރުސަތުދެއެވެ. އަދި އެގޮތަށް ކަނޑައަޅާ 5 ބޭފުޅުންނަކީ މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވެފައިވާ ބޭފުޅުންނަށް ވާންޖެހެއެވެ. މިގޮތުން ބޭފުޅުންތަކެެއް ކަނޑައަޅާފައިވާއިރު މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ނީންނަވާ ހާލަތުގައި އާއްމުގޮތެއްގައި އިންނަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ރޮޒައިނާ ވިދާޅުވި ފަދައިން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސަށް ރިޔާސަތުގައި އިންނެވެން ނެތްނަމަ އެހެން ބޭފުޅުންނާއި ރިޔާސަތު ހަވާލުކުރަންވާނީ ޖަލްސާގައި އެކަން އިއުލާންކުރުމަށްފަހު ކަމަށް ގަވާއިދުގައި ބުނެއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރުމުން އަޅާނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނެތެވެ. އަދި މިހާތަނަށް މަޖިލީހުން އެކަމުގައި ފިޔަވަޅެއް އަޅާފައެއްވެސް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު