މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ އޮޕަރޭޝަންތައް ފުޅާކޮށް ބޯޑަރ ސެކިއުރިޓީ ވަރުގަަދަކުރުމަށް ޖަޕާނުން ރާއްޖެއަށް އެހީގެ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ތަކެތި ހަވާލުކޮށްފައިވަނީ ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖަޕާނު ހަދިޔާކުރި ތަކެތީގެ ތެރޭގައި އެއްގަމު 4 އުޅަނދަކާއި ބައެއް އުޅަނދުތަކުގެ ސްޕެއަރ ޕާޓްސްތައް ހިމެނެއެވެ. އަދި ކެމިކަލާއި ގޮވާ ޒާތުގެ ތަކެއްޗާއި މަސްތުވާތަކެތި ދެނެގަންނާނެ އާލާތްތަކާއި ވަގު ނޫޓް ދެނެގަންނާނެ ޑިޓެކްޓަރާއި މޯބައިލް އެކްސްރޭ މެޝިންވެސް ޖަޕާނުން ހަދިޔާކުރިއެވެ.

ޖަޕާނުން ހަދިޔާ ކުރި ތަކެތި ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓެކްއުޗި މިޑޯރިއެވެ. އަދި ރާއްޖެއިން އެތަކެއްޗާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެން މާރިޔާ އަޙްމަދު ދީދީއެވެ.



މި ރަސްމިއްޔާތުގައިި މާރިޔާ ވިދާޅުވީ ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ފޯރުކޮށްދިން އެހީގެ ސަބަބުން ބޯޑަރ ބެލެހެއްޓުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ މަނާތަކެތި އަތުލައިގަތުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"ޤައުމީ ދިފާޢީ ބާރާއި ކޯސްޓްގާޑައި ކަސްޓަމްސްއާއި އެހެނިހެން އިދާރާތައްވެސް ގުޅިގެން މަސައްކަތްކުރުމަށް ދައުރެއް އޮންނާނެ. ބޯޑަރު ރައްކާތެރިކުރުމަށް މި އިދާރާތަކަށް ޖަޕާނު ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން." މާރިޔާ ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރި ތަކެއްްޗަކީ 2020 ވަނަ އަހަރު ރާއްޖެއާއި ޖަޕާނާއި ދެމެދު ސޮއިކޮށްފައިވާ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. މި ޕްރޮގްރާމްގެ ދަށުން 4.68 މިލިއަން ޑޮލަރު ނުވަތަ 72.6 މިލިޔަން ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭންވެސް ނިންމާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު