އެމަނިކުފާނުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތަކަށް ހަދާނީ، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރާއި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުކަމަަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ޚާރިޖީ ސިޔާސަތު ކަމަށެވެ. ޤާސިމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެެވެ.



ޤާސިމް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ނާސިރާ ރަައީސް މައުމޫނުގެ ވެރިކަމުގައި އެ ދެބޭފުޅުން ގެންގުޅުއްވި ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާނުވެ، ހަމަހަމަ އުސޫލެއްގެ ތެރެއިން ގައުމުތަކާ ގުޅުން ބޭއްވުމުގެ ސިޔާސަތުކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާފައިވާ އިބްރާހީމް ނާޞިރު، އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް ފުރިހަމަ މިނިވަން ކަމެއް ހޯއްދަވައި ދެއްވުމަށްފަހު އެމަނިކުފާނު ވަނީ ވަކި ގައުމަކަށް ބަރޯސާ ނުވުމުގެ ސިޔާސަތު ހިފަހައްޓަވާފައެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަން ދިގު ތިރީސް އަހަރު ކުރެއްވި ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ގެންގުޅުއްވީ އެ ސިޔާސަތެވެ. އެގޮތުން އަލްމަރުހޫމް ފަތުހުﷲ ޖަމީލް ފޮރިން މިނިސްޓަރަކަށް ބަހައްޓަވައިގެން ރައީސް މައުމޫން ގެންގުޅުއްވީ ވަކި ގަައުމަކަށް ބަރޯސާނުވާ ހުރިހާ ގަައުމަކަށް ވެސް ހަމަހަމަ ޚާރިޖީ ސިޔާސަތެކެެވެ. އެގޮތުން އދގައި ވެސް ދެމެހެއްޓެވީ ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަ ސިޔާސަތެކެވެ.

އެގޮތުން އޭރު އިސްލާމީ ގައުމުތަކާ ވެސް އަދި އެހެން ގައުމުތަކާމެދު ވެސް ރާއްޖެއިން ގެންގުޅުނީ ހަމަހަމަ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެކެވެ. އެއްވެސް ގައުމަކަށް ގޮސް ހުސްނުވެ ރާއްޖޭގައި އިންވެސްޓުކުރަން ވެސް އަދި ގުޅުން ބަދަހިކުރަން ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ތަރައްގީއަށާއި ޒަރޫރީ ބޭނުންތަކަށް ގިނަ ގައުމުތަކުގެ އެހީތައް ރާއްޖެއަށް ލިބުމަށް މަގުފަހިވެގެން ދިޔުމެެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، އޮނަރަބަލް ޤާސިމް އިބްރާޙީމެވެ. އެޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށް އެކި ފަރާތްތަކާއެކު މަޝްވަރާތައް ވެސް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު