ގދ. ފިޔޯރީގައި އީދު އުފާފާޅުކުރުމުގައި ކުލަޖެހުން އެރަށު ކައުންސިލުން މަނާކުރުމުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާޢީލް (އިބްރާ) ހިތްހަމަނުޖެހުން ފާޅުކުރަށްވައިފިއެވެ.

ފިޔޯރީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އީދުގައި އެއްވެސް ހަރަކާތަކާއި ގުޅުވައިގެން ކުލަ ޖެހުމަކީ މަނާކަމެއް ކަމަށާއި އެއީ އިސްލާމް ދީނާ ދުރު، ހިންދޫން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް ވިދާޅުވީ ޤާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި ފިޔޯރީ ކައުންސިލަށް ޤާނޫނު ހެދުމުގެ ބާރު ލިބިގެންނުވާ ކަމަށް ވެސް ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.



"ޢީދު ދުވަހު ކާން ކައްކާ ބަތާ ރިހައަކީވެސް ހިންދޫންނާއި އެހެންދީންތަކުގެ މީހުންވެސް ކައިއުޅޭ އެއްޗެއްސެވެ." ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ބުނެ ކުލަ ޖެހުން ފިޔޯރީ ކައުންސިލުން މަނާކުރުމުން އެކަަމަށް އިޝާރަތް ކުރަށްވައި އިބްރާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފިޔޯރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދުރު ހިންދޫ ދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު އެއީ އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާކަމެއް ކަމަށެވެ.

ފިޔޯރީގައި މި އަހަރުގެ ފިތުރު އީދާއި ގުޅުވައިގެން ކުލަ ޖެހުން މަނާކޮށްފައިވާއިރު މިއީ އީދު ދުވަހާ ގުޅުވައިގެން ފިޔޯރީގައި ކުލަ ޖެހުން މަނާ ކުރި ދެ ވަނަ އަހަރެވެެ. މިދިޔަ އަހަރު ވެސް އެ ރަށުގައި ވަނީ އީދު ކުލަ ޖެހުން މަނާކޮށް އިއުލާނެއް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު