ބޮޑު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ބާއްވަން ބޭނުންވާނަމަ ރިޔާސީ ކެންޑިޑޭޓެއް ނެރެންޖެހޭަކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާއިރުވެސް ޕީޕީއެމުން ރިޔާސީ ކެނޑިޑޭޓެއް ނެރެފައިނުވާތީ ގިނަ ބަޔަކު އެ ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ޕީޕީއެމް އޮތް ސައިޒުގައި އޮންނަން ބޭނުންނަމަ ރިޔާސީ ކެނޑިޑޭޓަކު ނެރެ ވާދަކުރަންޖެހޭނެކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ފަހަތަށް އަރައިފިނަމަ ޕީޕީއެމަށް ރާއްޖޭގައި އޮތް ތާއީދު ގެއްލި ޕާޓީ ހަލާކުވާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޮޑު 2 ޕާޓީކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް، އެގޮތުގައި އޮތުން މުހިއްމުކަމަށެވެ.



ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައެވެ. ނަމަވެސް ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް މިކަމާއި ގުޅިގެން މީގެކުރިން ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮތް ކަމަށާއި، އަދި ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތުވެސް ބޮޑުކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްސަލައިގެ އިސްތިޢުނާފު މަރުޙަލާ މުޅިން ނުނިމި އޮތްނަމަ ކެންޑިޑެސީ ބަލައިގަތުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އެކަމަށް ބާރުދޭ ހެކިތައް ދައްކަވަމުން ފުއާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކަށްވެސް އިސްތިއުނާފްގެ މަރުޙަލާ ދިގުދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށާއި، އެ ޙުކުމް ނިހާއީ ވެފައިވާ ކަމަށެވެ. އެހެންކަމުން އެޙުކުމް މިހާރުގެ ސުޕްރީމް ކޯޓުން ބާތިލް ނުކުރާނަމަ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާމެދު ގާނޫނީ ލަފާ ހޯއްދަވާނެކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު