އެމްޑީޕީގެ މެމްބަރުން ކޮޮށްފައިވާ ބުރަ މަސައްކަތަށް އިހްތިރާމްނުކުރައްވާ ރައީސެއް އެމްޑީޕީއަށް ބޭނުން ނުވާކަމަށް ބުނެ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރު ރޮޒައިނާ އާދަމް ފާޑު ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމަށް އެ ގޮނޑި ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން މަސައްކަތްކޮށްދިންކަމުގެ ވާާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޕީޕީއެމް/ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު، މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފް ވަނީ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން އިންތިހާބު ކާމިޔާބުކުރުމަށް ޕީޕީއެމަށް އެހީތެރިވެދިންކަމަށް ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރަށްވާފައެވެ.

ރައީސް ނަޝީދު ޕީޕީއެމަށް އެހީތެރިވެދެއްވިކަމަށް ބުނާ ވާހަކަތަކަށް އިޝާރާތްކުރައްވައި ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެއީ "ޑިމޮކްރަސީގެ ބައްޕަ" ކަމަށް ބުނާ މީހާ ޕާޓީގެ ރައީސަކަށް ހުރެގެން "ހަވާފައި އޮތް ހަޑިއެއް" ކަމަށެވެ. އަދި އެމްޑީޕީއަށް އެފަދަ ރައީސެއް ބޭނުންނުވާކަމަށްްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"މިއޮތީ އެމްޑީޕީގެ ރައީސަށް ހުރެގެން އަންނި ހާވާފަ ހުރި ހަޑި! ޑިމޮކްރަސީގެ ބައްޕަޔޯ! ޕާޓީގެ އާންމު މެންބަރުން 17 އަހަރުވަންދެން ކުރިމަސައްކަތް ބޮލާލާ ޖަހާފަ އަމިއްލަ އެދުމައިގެން ދުނިޔޭގަ ލެއްވިހާ ހަޑިއެއްހާވަމުން މި ވަޑައިންނަވަނީ! އެމްޑީޕީއަކަށް ތިކަހަލަ ރައީސެއް ބޭނުމެއްނުވޭ!" ރޮޒައިނާ ވިދާޅުވިއެވެ.



ރައީސް ނަޝީދު ޕީޕީއެމަށް އެހީތެރިވިކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދޮގުކުރަށްވާފައެވެ. އަދި ޕީޕީއެމުން މިހާތަނަށް އެމްޑީޕީ ފެކްޝަނަކާ އެކީ އިންތިހާބެއް ކާމިޔާބުކުރަން މަސައްކަތް ކޮށްފައެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު