ކ. ތުލުސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ހެވީ ޕޯސްޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހެވީ ޕޯސްޓާއި ހަވާލުކުރީ ހޯމަ ދުވަހު, މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިފްރާންސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ހެވީ ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ.

120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 36,123,485.49 (ތިރީސް ހަމިލިއަން, އެއްލައްކަ ތޭވީސްހާސް, ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ސާޅީސް ނުވަލާރި) އެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 70 މީޓަރުގެ 6 ބޮޑު ހިލައިގެ ބްރޭކްވޯޓަރ، 50 މީޓަރުގެ ދެ ބޮޑުހިލައިގެ ވައި-ގްރޮއިން، 170 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޤާއިމު ކުރުމާއި، އަދި އެ ސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރުން ހިމެނެއެވެ. އޭގެ އިތުރުން، އެ ރަށުގައި ފާހަގަވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު