ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ބޮޑު ތަފާތަކުން އެމްޑީޕީ ބަލިކުރާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމަށްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން އެމްޑީޕީއަށް ކާމިޔާބުވިޔަސް، އެ ދާއިރާގެ އަޣުލަބިއްޔަތު ވޯޓް އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިނުވާކަން ފާހަގަކުރައްވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ހުރިހާ ނުފޫޒަކާއި ބެހިހާ ފައިސާއާއެކުވެސް އެމްޑީޕީއަށް ލިބުނީ ވޯޓްލީ 2755 މީހުންގެ ތެރެއިން 1346 މީހުންގެ ވޯޓް ނުވަތަ 49 އިންސައްތަކަމަށާއި 3 ރަށުންވެސް 50 އިންސައްތަ ނުލިބޭކަމަށެވެ.

ޝަރީފް ވިދާޅުވީ 49 އިންސައްތަ ވޯޓް އެމްޑީޕީއަށް ލިބުނުއިރު، ބާކީ ތިބި 1409، ނުވަތަ 51 އިންސައްތަ މީހުން ސަރުކާރަށް ބުނީ ނޫނެކޭކަމަށެވެ.

މިއަދަދުތަކަށް ބަލާނަމަ ރިޔާސީ އިންތިހާބުން އެމްޑީޕީ ތަފާތު ބޮޑުކޮށް ބަލިވެ، ޕީޕީއެމް މޮޅުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ހުރިހާ ނުފޫޒަކާއި ބެހިހާ ފައިސާއާއެކުވެސް އެމްޑީޕީއަށް ލިބުނީ 2755 މީހުންގެ ތެރެއިން 1346 މީހުންގެ ވޯޓް. ބާކީ ތިބި 1409 މީހުން ސަރުކާރަށް ބުނީ ނޫނެކޭ. މި އަދަދުތަކަށް ބަލާނަމަ ރިޔާސީ އިންތިހާބުން އެމްޑީޕީ ތަފާތު ބޮޑުކޮށް ބަލިވެ، ޕީޕީއެމް މޮޅުވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ އިތުރުން އިދިކޮޅު އެހެން ޕާޓީތަކުންވެސް އަންނަނީ ސަރުކާރަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން އަޣުލަބިއްޔަތު ނުލިބޭކަން ފާހަގަކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސަރުކާރުގެ ހުރިހާ ބާރެއް ބޭނުންކޮށްގެންވެސް ދާއިރާގެ އަޣުލަބިއްޔަތު ނުލިބުމަކީ ނާކާމިޔާބީއެއްކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް މާބޮޑަށް ރައްދު ދީފައެއް ނުވެއެވެ. އެމްޑީޕީގެ ސަޕޯޓަރުން ބުނަނީ މި ނަތީޖާއިން ރައީސް ސާލިހަށް އޮތް ތާއީދު ހާމަވެފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު