އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުުތު އިތުރުނުކުރިނަމަވެސް އެމްޑީޕީ ކެނޑިޑޭޓު ފަސޭހަކަމާއެކު މޮޅުވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނާއިބު އިބްރާހިމް ވަހީދު (ފެނަކަ އިބުރޭ) ވިދާޅުވެއްޖެއެވެ.

ފެނަކަ އިބުރޭ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފައިވަނީ ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީއަށް އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވާތީ އެކަން ފޫބެއްދުމަކަށް ކަމަށް އިދިކޮޅު ޕީޕީއެމް- ޕީއެންސީން ބުނުމާއި ގުޅިގެނެވެ.

ގުރައިދޫ ދާއިރާގެ ބައި އިއިލެކްޝަންގެ ވޯޓުލުން ފެށީ ހޮނިހިރު ދުވަހު ހެނދުނު 8 ޖެހިއިރުއެވެ. ވޯޓްލުން ނިމި ވޯޓު ފޮށި ބަންދުކުރާގޮތަށް ފުރަތަމަ އޮތީ ހަވީރު 16:00 ގައެވެ. އެހެން ނަމަވެސް އީސީން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން 17:00 އަށް ވޯޓު ފޮށި ބަންދު ކުރުން ލަސްކޮށްފައެވެ.

ޕީޕީއެމް/ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯޓު ލުމުގެ ވަގުތު އިލެކްޝަން ކޮމިޝަނުން އިތުރު ކޮށްފައިވަނީ ޕީޕީއެމާއި މަޝްވަރާ ނުކޮށް ކަމަށާއި ވަގުތު އިތުރު ކުރަންވާނީ ކޮންމެހެން ކުރަން ޖެހޭ ހާލަތެއްގައި ހުރިހާ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހުކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މީގެ ކުރިން ބާއްވާފައިވާ ބައި އިލެކްޝަންތަކާއި ހިލާފަށް މިފަހަރު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެެ.



އިދިކޮޅު ކޯލިޝަނުގެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ނާއިބު އިބްރާހިމް ވަހީދު (ފެނަކަ އިބުރޭ) ވިދާޅުވީ އިލެކްޝަންސް ކަމިޝަނުން އާއްމު ކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި އިއްޔެ ވިއްސާރަވެގެން ވޯޓުލާން އިތުރު ކޮށްދިން އެއް ގަޑިއިރު ތެރޭގައި ޖުމަލަ ލެވިފައިވަނީ 82 ވޯޓްކަމަށެވެ. އަދި މި 82 ވޯޓް 3 ކެންޑިޑޭޓުންނަށް ބެހިފައިވާނެކަމަށް ޤަބޫލުކުރެވޭކަމަށާއި ނަމަވެސް މި 82 ވޯޓް އެއްކޮށް އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ވޯޓުން އުނިކުރިޔަސް ޕީޕީއެމް ކެނޑިޑޭޓަށްވުރެ 38 ވޯޓު އިތުރުވާކަމަށެވެ.

"މާނައަކީ ވަގުތު އިތުރު ނުކުރިޔަސް އެމްޑީޕީ ކެނޑިޑޭޓު ފަސޭހަކަމާއެކު މޮޅުވޭ." އިބުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ.ގުރައިދޫ، ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބުކުރައްވާފައި ވަނީ 120 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ފިޔާތޮށިގެ، ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން