މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އެމްޑީޕީ ޕާޓީއަކަށްވީ އަދިކިރިޔާކަމަށާއި، މީގެކުރިން ޕާޓީގެ ނަމުގައި ވަކި މީހެއްގެ ފަހަތުން އެނބުރުނީކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓު ހޯދާ ޕާޓީއަކަށް އެމްޑީޕީ ބަދަލުކޮށްފިކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުންނެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓުހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ، ވެރިކަމުގައި ނެތް ދުވަހަކުން ޕާޓީ ވަރަށް ނިކަމެތިވާނެ ކަމެއްކަމަށެވެ. އަދި އެއީ މާމޮޅު ކަމެއް ނޫންކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީ "ކަލްޓަކުން" ޑިމޮކްރެޓިކް ޕާޓީއަކަށް ބަދަލުވީ އަދިކިރިޔާކަމަށެވެ. އަދި ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ވޯޓް ހޯދުންވެސް ނިމުމަކަށް އައިސްފިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް މިއަދު ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް، ޕީޕީޕީގެ ނަމަކު ނުބަހާނެކަމަށެވެ.

"އަދި ކިރިޔާ އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ. ދެން ތިގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ. ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީގެ ނަމަކު ނުބަހާނެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންކުރާނީ. ހަޖަމުކޮއްލާ!" ރޮޒަައިނާ ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމުން އެމްޑީޕީގެ ގިނަ މެމްބަރުން އުފާ ފާޅުކުރަމުންދާއިރު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުން ގެންދަނީ ރައީސް ސާލިހު އިސްކޮށް ހުންނަވައިގެން އެމްޑީޕީން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔުމަށްވެސް ދެކޮޅު ހަދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން