ނ. މަނަދޫގައި މަރުވެފައި އޮއްވާ ފެނުނު ނަޢީމާ މޫސާގެ މަރުގެ ތަޙުޤީގުގައި ހަރަކާތްތެރިވާ ފުލުހުންނާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ނަޢީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިމަހުގެ 7 ވަނަ ދުވަހު އޭނާ ދިރުއުޅޭ ގެއިންނެވެ. ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގްކުރަމުންދަނީ ނައީމާ މަރާލިކަމަށް ބަލައިގެންނެވެ. އެގޮތުން ނައިމާގެ މަރުގެ ތަހުޤީޤަށް ފުލުހުންގެ ހާއްސަ ޓީމެއް ދަނީ މަނަދޫގައި ހަރަކާތްތެރިވަމުންނެވެ.

އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަޙުޤީޤަށް އެރަށު ބައެއް މީސްމީހުންގެ ހަށިގަނޑުން ސާމްޕަލްވެސް ނަގާފައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ނައީމާ މަރާލި މީހާ ނުވަތަ މީހުން ހޯދުމަށް ފުލުހުންގެ ތަހުގީޤު ޓީމުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދާކަމަށެވެ. އަދި ނަޢީމާގެ މަރުގެ ތަޙުޤީގުގައި ހަރަކާތްތެރިވާ ފުލުހުންނާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށްވެސްް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

"ނައީމާގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށް އަޅުގަނޑުމެންގެ އޮފިސަރުން މަނަދޫގައި ވަރުބަލިކަމެއް ނެތި ދަނީ ހަރަކާތްތެރިވަމުން. އިންވެސްޓިގޭޓަރުން، ފޮރެންސިކް އަދި ރަށުގެ ފުލުހުންނާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތް." ސީޕީ ވިދާޅުވިއެވެ.

ނައީމާގެ މަރާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން ވަނީ ނައީމާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ބަލައިފާސްކޮށްފަ އެވެ. އޭގެއިތުރުން މަނަދޫގެ ބައެއް އެހެން ސަރަހައްދުތައްވެސް ބަލައިފާސްކޮށްފައި ވެއެވެ.

ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައިކަމަށެވެ.

ނައީމާ ގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އޭޕްރީލް 08 ވަނަ ދުވަހު ހަވީރު އޭނާ ވަނީ ވަޅުލާފައެވެ. އެހެން މަރުތަކާއި ހިލާފަށް ނައީމާ ވަޅުލާފައިވަނީ ޕޯސްޓްމޯޓަމް ހެދުމެއް ނެތިއެވެ. ފުލުހުން ބުނީ ހަށިގަނޑު ވަޅުލާފައިވަނީ އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާތީކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު