މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް ޝާޒު އިބްރާހީމަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ވިދާޅުވީ މި އިންތިޚާބުން ހާމަވެގެން ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަންކަމަށެވެ. އަދި ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



މިއަދުގެ ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ޝާޒުގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ. ޝާޒާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއެވެ. އިންތިހާބުން ފުލަށް ދިޔައީ އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މިގޮނޑި ނުވަތަ މާލެ އަތޮޅުގެ ގޮނޑިއެއްވެސް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުކުރުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެތެރެއިން 80 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު