އަހުމަދު މަސްނޫމް   15 އޭޕްރީލު 2023 - 23:13
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ތާރީހު ބަދަލުކޮށްލި ބޮޑު ކާމިޔާބީއެއްކަމަށް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ޝާޒު ވިދާޅުވީ އޭނާ އަބަދުވެސަް މަސައްކަތްކުރައްވާނީ ދާއިރާގެ ރައްޔިތުންނާއެކުކަމަށެވެ. އަދި ބައި-އިލެކްޝަންގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ތާރީހު ބަދަލުކޮށްލި ބޮޑު ކާމިޔާބީއެއްކަމަށްވެސް ޝާޒު ވިދާޅުވިއެވެ.

"ރައީސް ސާލިހު އަޅުގަނޑަށް ދެއްވި ލަފަޔާއި ބެހެއްޓެވި ގާތްކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." ޝާޒް ވިދާޅުވެފައި ވެއެވެ.

ޝާޒު ވަނީ އޭނާގެ ކެމްޕެއިންގައި މަސައްކަތްކޮށް، އޭނާ އިންތިހާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ.ގުރައިދޫ، ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބުކުރައްވާފައި ވަނީ 120 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ފިޔާތޮށިގެ، ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު