ގުރައިދޫ ގޮނޑި ކާމިޔާބުކުރި ޝާޒު އާއި ރައީސް ސާލިހު
ގުރައިދޫ ގޮނޑި ކާމިޔާބުކުރި ޝާޒު އާއި ރައީސް ސާލިހު
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.

މިއަދުގެ ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ޝާޒުގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ. ޝާޒާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއެވެ. އިންތިހާބުން ފުލަށް ދިޔައީ އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މިގޮނޑި ނުވަތަ މާލެ އަތޮޅުގެ ގޮނޑިއެއްވެސް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުކުރުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ ކަމެކެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާގޮތަށް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:00 އިން ހަވީރު 5:00އަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެތެރެއިން 80 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛް އިބްރާހީމް ރިޒާ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ބައި-އިލެކްޝަނެވެ. މީގެ ކުރިން ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަންވެސް ވަނީ ބާއްވާފައެވެ. އެ އިންތިހާބުވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.



ކިޔުންތެރިންގެ ހިޔާލު