މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުމުގެ ވަގުތު އިތުރު ކޮށްފައިވަނީ ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީއަށް އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވާތީ އެކަން ފޫބެއްދުމަކަށް ކަމަށް އިދިކޮޅު ޕީޕީއެމް- ޕީއެންސީން ބުނެފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިއިލެކްޝަންގެ ވޯޓުލުން މިއަދު ފެށީ ހެނދުނު 8 ޖެހިއިރުއެވެ. ވޯޓްލުން ނިމި ވޯޓު ފޮށި ބަންދުކުރާގޮތަށް އޮތީ ހަވީރު 16:00 ގައެވެ.

އެހެން ނަމަވެސް އީސީ ވަނީ މޫސުން ގޯސްވުމުގެ ސަބަބުން 17:00 އަށް ވޯޓު ފޮށި ބަންދު ކުރުން ލަސްކޮށްފައެވެ. އެކަމާ ގުޅިގެން ޕީޕީއެމް/ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯޓު ލުމުގެ ވަގުތު އިލެކްޝަން ކޮމިޝަނުން އިތުރު ކޮށްފައިވަނީ ޕީޕީއެމާއި މަޝްވަރާ ނުކޮށް ކަމަށެވެ. އެހެން ކަމުން އެޕާޓިން އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު އިތުރު ކުރަންވާނީ ހުރިހާ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހު، ކޮންމެހެން ކުރަން ޖެހޭ ހާލަތެއް އޮތުމުން ކަމަށެވެ. އެހެން ކަމުން މިކަން މިގޮތަށް ކޮށްފައިވަނީ އެމްޑީޕީއަށް މިއަދުގެ ބައި އިލެކްޝަނުން ނާކާމިޔާބީއާއި ކުރިމަތިވާތީ އެކަން ފޫބެއްދުމަށް އިތުރު މީހުންނަށް ވޯޓުލާން ފުރުސަތު ދިނުމަށްޓަކައި ސަރުކާރުން އީސީގެ މައްޗަށް ނުފޫޒު ފޯރުވައިގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މީގެ ކުރިން ބާއްވާފައިވާ ބައި އިލެކްޝަންތަކާއި ހިލާފަށް މިފަހަރު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެެ.

އެގޮތުން ވިލިމާލޭ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދިޔައިރު، ކަނޑުގަދަވެ، ވިއްސާރަވެގެން ވަގުތު އިތުރު ކޮށްދިނުމަށް ކޮމިޝަންގައި އެދުމުން އެއީ ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށް ބުނެ އެފަހަރު ވަގުތު އިތުރުކޮށް ދީފައިނުވާ ކަން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ވޯޓު ފޮށި 17:00 ގައި ބަންދުކޮށް އޭގެ 30 މިނެޓު ފަހުން ވޯޓު ގުނަން ނުފަށައި ރޯދަ ވީއްލައިގެން ވޯޓު ފޮށި ގުނަން ފަށާގޮތް ހެދީ ވެސް ނަތީޖާއަށް ނުފޫޒު ފޯރުވަން ވެގެން ކަމަށެވެ. އަދި ވޯޓުލާ މަރުކަޒު ބަންދުކޮށްގެން އެތަނުގައި ފުލުހުން ތިބުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު