ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ނުވަތަ އެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މި މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމާއި ހިންގުމުގެ މަސައްކަތް ކުރާގޮތަށް (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަަށެވެ. އަދި ފުވައްމުލަކުގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުން އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކާއި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުގައި 30،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދިގުމުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 (ފަންސާސް) އަހަރުގެ މުއްދަތަކަށެވެ.

މި ޕްރޮޖެކްޓްގެ ޑިޒައިން މިނިސްޓްރީން ދޭއިރު، މިނިސްޓްރީގެ ހުއްދައާއެކު ޑިޒައިން ބަދަލު ކުރުމުގެ ފުރުޞަތު މިތަން ތަރައްޤީކުރާ ފަރާތަށް އޮންނާނެއެވެ. މިޕްރޮޖެކްޓްގެ ސްކޯޕްގައި ހިމެނޭ ޓިވެޓް އިންސްޓިޓިއުޓްގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މި ބިމުގައި އިތުރު ވިޔަފާރީ ހަރަކާތްތައް ތަރައްޤީކުރުމުގެ ފުރުޞަތުވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އިންސްޓިޓިއުޓުގައި އެކި ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ.

މި ޓިވެޓް ސެންޓަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓްއާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 27 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު