ދެކުނު އެފްރިކާގެ ސުކޫބާ ޑައިވަރަކަށް ކަނޑުއަޑިން ކީރިތި ގުރުއާނުގެ ކޮޕީއެެއް ފެނިއްޖެއެެވެ.

ދެކުނު އެފްރިކާގެ ސްކޫބާ ޑައިވަރެއް ކަމަށްވާ އިއަން ހެގަރޓީ އަށް ކީރިތި ޤުރުއާނުގެ ކޮޕީއެއް ފެނިފައިވަނީ އޭނާ ކަނޑުގައި ޑައިވް ކުރި އެއް ޑައިވެއްގެ ތެރެއިން ގާތްގަޑަކަށް 18 މީޓަރު އަޑިންނެެވެ. ކަނޑުގެ އަޑިން އިއަން ހެގަރޓީއަށް ފެނުނު ކީރިތި ޤުރުއާނުގެ ކޮޕީގެ ވީޑިއޯ އޭނާ ޓިކްޓޮކްގައި އާންކުރުމާއެކު އެ ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކަނޑުއަޑިން ފެނުނު ކީރިތި ގުރުއާނުގެ ހުޅުވިފައިވާ ގަނޑުތަކުގައި ވަނީ ނޫޙުގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ވާހަކައެެވެ.

ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ ނަބިއްޔުންގެ ތެރެއިން ނޫހުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮޮވާލެއްވުމުގައި 950 އަހަރު ހޭދަކުރެއްވިއެވެ. ޚުދު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ފިރިހެން ދަރިކަލަކު ވެސް އެ ދައުވަތައް އިންކާރު ކުރެއްވި އެވެ.

އެންމެފަހުން އެކަލޭގެފާނަށް އީމާންވި މަދު މީސްކޮޅާއިއެކު އެރަށް ދޫކުރައްވާ ނައުކޮޅެއްގައި ވަޑައިގަތުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އަދި އެ ރަށަށް ބޮޑު ތޫފާނެއް އަންނަން އުޅޭކަމުގެ ބިރުވެރި ޚަބަރުވެސް ދެއްވިއެވެ.

ދުނިޔެއަށް އައި ބޮޑު ތޫފާނަކާއި ވިދިގެން އެދުވަސްވަރުގައި ތިބި ހުރިހާ އެންމެން އެ ތޫފާނުގައި ޣަރަގުވެގެން ދިޔައިރު ސަލާމަތްވި ހަަމައެކަނި މީހުންނަކީ އެ ނައުކޮޅުގައި ތިބި މީހުންނެވެ. އެ ތޫފާނުގެ ވާހަކަ މާތްﷲ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ.

حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّۢ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌۭ 11:40 [ސޫރަތް ހޫދު 40]

މާނައީ: "ތިމަންރަސްކަލާނގެ އަމުރުފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ ވަހީ ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާންވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެނެއް ނުވެތެވެ."

ކަނޑު އަޑިން ފެނުނު މުސްހަފު ކަނޑު އަޑީގައި އޮތީ ކިހާ ދުވަހެއްގައި ކަން މިހާތަނަށް ހޯދިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު