ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުން ހަވީރު 5:00އާ ހަމައަށް ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މިއަދު ކުރިއަށްދާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށެވެ.

ނަމަވެެސް ވޯޓް ނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދާން ބައެއް މީހުންނަށް ދަތިވެފައިވާތީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އަށް އިތުރުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.



ތަފާސް ހިސާބުތައް ދައްކާގޮތުން ވޯޓްލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން މެންދުރު 2:00 ޖެހުމާއި ހަމައަށް ވޯޓްލާފައިވަނީ 1766 މީހުންނެވެ. އެއީ 910 ފިރިހެނުންނާއި 856 އަންހެނުންނެވެ. މިއީ ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 51.5 އިންސައްތައެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ.

ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މި ބާއްވަނީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އަލްއުސްތާޛް އިބްރާހީމް ރިޒާ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު