އެހެން ރައްޔިތުންގެ ފުރާނައާއި ގެދޮރަށް ނުރައްކާވާ ގޮތަށް ސިނގިރޭޓް ފިލްޓަރު ބޭރަށް އުކާ ފަރާތްތައް އުޅޭ ފްލެޓް އަތުލާނެކަމުގެ އިންޒާރު އަރބަންކޯއިން ދީފިއެވެ.

އެޗްޑީސީން މި އިންޒާރު ދީފައި މިވަނީ ހިޔާ ޓަވަރުތަކުގެ ފްލެޓަކުން އެއްލާލި ސިނގިރެޓް ފިލްޓަރުގެ ސަބަބުން މިރޭވެސް އަލިފާނުގެ ހާދިސާއެއް ހިނގުމުންނެވެ.

އަރބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓްގައި ރޯވެ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު މިހާދިސާވެސް ހިނގާފައިވަނީ ނިވާނުލާ އެއްލާލި ސިގިރެޓެއްގެ ސަބަބުންކަމަށް ވަނީ ޝައްކު ކުރެވިފައި ކަމަށެވެ.



މިއީ މިމަހު ހިނގި މިފަދަ ދެވަނަ ހާދިސާއަށްވެފައި، އެންމެ މީހަކު ކުރާ މިފަދަ އަމަލެއްގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ފުރާނައާއި މުދަލަށް ގެއްލުންވެ މިފަދަ އަމަލެއްގެ ސަބަބުން މިއަށްވުރެވެސް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމާއިއެކު، މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ޔުނިޓްތައް ދެނެގަނެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އަރބަންކޯއިން ބުނެއެވެ.

މިފަދަ ހާދިސާތައް ތަހުޤީޤު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހްމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އަރބަންކޯގެ ބަޔާނުގައިވެއެވެ.

އަރބަންކޯއިން ބުނީ އެ ކުންފުނީގެ އިލްތިމާސްއަކީ އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކުގައި ދިރިއުޅޭ އަވަށްޓެރިންގެ ރައްކާތެރިކަމާއިމެދެ ފަރުވާތެރިވެ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް ގުޅިގެން މަސައްކަތް ކުރުންކަމަށެވެ.

ފްލެޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރަކުން މިރޭވެސް ހިޔާގަ އެޕާޓްމަންޓެއްގައި ރޯވެފައިވާއިރު، މިމަހުގެ ކުރީކޮޅު ޓަވަރު 5ގެ 17 ވަނަ ބުރީގައި ވެސް ހަމަ އެގޮތަށް އެއްލާލި ފިލްޓަރަކުން މީގެކުރިން ވެސް ވަނީ ރޯވެފައެވެ.



ކިޔުންތެރިންގެ ހިޔާލު