ރާއްޖޭގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދެވަނަ ދައުރެއް ދިނުން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން އިއުލާންކޮށް ކެމްޕޭން ފަށާފައިވާ މި ދަނޑިވަޅުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލް އުޖާލާ ކުރުމަށް އޮތް ހަމައެކަނި "ޗޮއިސް" އަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށެވެ. ޝަރީފް ވިދާޅުވީ ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރިގޮތް ކަމަށާއި ވަރަށް ދަތިއުނދަގޫ ހާލަތުގައި މިނިމަމްވޭޖެއް ކަނޑައެޅުއްވި ވެރިއަކީ ރައީސް ސާލިޙު ކަމަށް ޝަރީފް ވިދާޅުވިއެވެ. މިނިމަމްވޭޖާއެކު ރިސޯޓް މުވައްޒަފުންނާއި މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު އެތައް ތަނެއް ރަނގަޅުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމުންދަނީ ޤައުމުގެ އެންމެ ރަނގަޅު މަސްލަހަތަށްޓަކައި، އެހެންވެ، ދެވަނަ ދައުރަކަށް ރައީސް ސާލިޙު އަލުން އިންތިޚާބު ކުރަން އެއީ އަޅުގަނޑުމެންގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަންތައް،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ގެންގުޅުއްވާ ޕްލޭނަކީ ރާއްޖޭގެ މުސްތަޤްބަލަށް މުހިންމު ދާއިރާތަކަށް އިންވެސްޓްކުރުން ކަމަށެވެ. އެގޮތުން ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިންވެސްޓް ކުރުމަކީ ރައީސްގެ ޕްލޭނެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ސާފު އެންމެ ރަނގަޅު ކެންޑިޑޭޓަކީ ރައީސް ސާލިޙު ކަމަށެވެ. އެމަނިކުފާނު ގައުމު ބިނާކުރަނީ ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ ދުނިޔެއަކަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައީސް މިގައުމު ބިނާކުރައްވާނީ ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ ދުނިޔެއަކަށް މާ އެކަށީގެންވާ އިޤްތިޞާދެއް، އަޅުގަނޑުމެންގެ ރައްޔިތުންގެ ޝަރުޠުތަކަށް މާ އެކަށީގެންވާ އިޤްތިޞާދެއް،" ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު