ހުސްވެފައިވާ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ސާފު އަގުލަބިއްޔަތާއެކު އެމްޑީޕީން ނަގާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަށްވަނީ އިބްރާހީމް ޝާޒެވެެ.

"ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޝާޒްގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް މިއަދު ވިދާޅުވީ މާދަމާ ބާއްވާ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރަށްވާނީ ސާފު އަގުލަބިއްޔަތާއެކު ކަމަށެވެ.

ގުރައިދޫ ދާއިރާގެ އިންތިހާބުގައި މާފުށީގެ ކެމްޕެއިން ކަންކަމުގައި އިސްކޮށް އުޅުއްވާ ނިޔާޒް ވިދާޅުވީ މާފުށީ ރައްޔިތުން ތިބީ ސަރުކާރާ އެކުގައި ކަމަށެވެ. އެގޮތުން މި އިންތިޚާބުގައި އެރަށުގެ 60 އިންސައްތަ އަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓް ލިބޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މި އިންތިޚާބުގައި ހިތްހަމަޖެހޭ ވަރަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދެވުނު ކަމަށެވެ. ރޯދަމަސްވުމުން ދަތިތަކެއް ހުރިނަމަވެސް އެމްޑީޕީން ކެމްޕޭން ކުރީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށާއި، ތަރައްގީއަށް މަސައްކަތް ކުރާކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެދާއިރާގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވެނީ އެހެންވެގެން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އެއީ ކުރިން އެއްގޮތަކަށް ވެސް މިދާއިރާއަށް އެއްގޮތަކަށް އަޅާނުލައި އޮތްއިރު ވެސް އެމްޑީޕީގެ މެޖޯރިޓީ 61 ޕަސެންޓް އެބައޮތް ލިބިފައި 2018 ވަނަ އަހަރު، އޭގެފަހުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ސަރުކާރުން ކޮށްދީފައި އެބައޮތް. ކޮންމެ ފަހަރަކު އިންތިޚާބުތަކުގައި މާފުށިން މެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ކެންޑިޑޭޓަށް." ނިޔާޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ގުރައިދޫ ދާއިރާގެ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމަށާއި ގުރައިދޫ ދާއިރާގެ އިންތިޚާބަކީ ސަރުކާރުން ކުރާ މަސައްކަތްތަކާއި މެދު ރައްޔިތުން ދެކޭގޮތް ވަޒަންކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު ހަމަވިއިރު، ތިން ސިޔާސީ ޕާޓީއަކުން ތިން ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީގެ އިބްރާހީމް ޝާޒު، އެމްއެންޕީގެ އަލީ އަރީފް އަދި އިދިކޮޅު ޕީޕީއެމުން ވާދަ ކުރާ ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ.



ކިޔުންތެރިންގެ ހިޔާލު