މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ކުރީގެ ސަރުކާރުތަކުން ޔުޓިލިޓީ ޚިދުމަތްތައް ދެމުން އައީ ވަރަށް ދޯދިޔާކޮށް ކަމަށް ރަައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ޔުޓިލިޓީ ޚިދުމަތްތައް ދެމުން އައީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން އެކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ވެސް ކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ރަށްރަށުގެ އިންޖީނުގެތައް މީގެ ކުރީގައި އަޑުގަދަ އިންޖީނުގެތައް ރަށްރަށުގެ މެދުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރެގެން ރައްޔިތުންނަށް ދިމާވަމުންދިޔަ ގެއްލުންތަކާއި އުނދަގޫތަކުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން ރަށްރަށުގައި މީހުން ދިރިނޫޅޭ ހިސާބުތަކާ ދުރަށް އިންޖީނުގެތައް ބަދަލުކުރުމަށް މި ކުރަމުންދާ މަސައްކަތްތަކާއި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ފެނަކައިން ކުރަމުން އެބަދޭ، އެކަމުގެ ސަބަބުން ހަރަދު އެބަ ބޮޑުވަމުންދޭ." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދޭނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ސަރުކާރަށް ދީފައިވާ ކަމަށާއި، އެކަން ކުރިއަށްދާނެ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދައްކާ ޚަލާސްކުރުމަށް ފެނަކައަށް ދިމާވާ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އުސޫލާ ހިލާފަށް އެ ކުންފުނީގެ ފައިސާއިން މުއާމަލާތެއް ކޮށްފައިވާކަން މިހާތަނަށް ފާހަގަވެފައި ނެތް ކަމަށެވެ. ނަމަވެސް، ފެނަކައަށް ބޭނުންވާ އުޅަނދުތަކާއި އެހެނިހެން ވަސީލަތްތައް އެ ކުންފުނިން އާންމު އުސޫލުން ގަންނަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު