އަހުމަދު މަސްނޫމް   13 އޭޕްރީލު 2023 - 21:2
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖުގެ ޑެކްގެ މަސައްކަތް، މާލެ ފަޅިން ފަށައިފިއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއްގަމުން ގުޅާލުމަށް ބިނާކުރާ ބްރިޖެކެވެ.

އިންޑިއާ ސަރުކާރުން ދޭ ލޯނާއި އެހީގެ ދަށުން ބިނާކުރާ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން ބްރިޖުގެ މައި ޑެކްގެ މަސައްކަތް މާލެ ކޮޅުން ފަށާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ބްރިޖުގެ މައި ޑެކަކީ ބްރިޖުގައި ވެހިކަލްތައް ދުއްވުމަށް އޮންނަ މަގެވެ.



ޕްލޭނިންގ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ މާލެ ފަޅިން ޖަހާ އެއްގަމުގެ ތަނބުތަކުގެ މައްސަކަތުގެ ބޮޑު ބައި ނިމިފައިވާކަމަށެވެ. އަދި މައި ޑެކްގެ މަސައްކަތް ގުޅީފަޅުގައި ކުރިއަށްދާއިރު ތަނބުތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް ޑެކް ގުޅާލުމުގެ މަސައްކަތް ކުރަމުންދާނެކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މައި ޑެކްގެ އިތުރުން ގުޅީފަޅުގެ އެއްގަމާއި ގުޅޭ ހިސާބުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

ބްރިޖުގެ މަސައްކަތްކުރަމުންދަނީ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ ޑިސެމްބަރަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިގެނެވެ. އަދި މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމުމަށް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މިމަސައްކަތަށް ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު