ޕާކިސްތާނުންް ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 4.98 ކިލޯގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، މިއަދު ޕާކިސްތާންގެ ކަރާޗީން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ.

މިގޮތުން އެމީހާގެ އަތުން ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު