ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާހިސާބަށް އައިއިރު ކޮންކްރީޓް މަސައްކަތްތައް މުޅީން ނިންމާ، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ.

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.

"މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ސިނާޢީ މަސައްކަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއް"ކަމާއި މިފަދަ އިންސްޓިޓިއުޓަކުން "ޒުވާނުނުންނަށް އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ ޒުވާން އާބާދީއަށާއި ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މި އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން މޮޑެލްތަކުގައި ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކުރެވިފައެވެ.

ދިއްދޫގައި މި އެޅޭ ޖޫނިއަރ ކޮލެޖަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުޙިއްމު އަމާޒެއް ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ. އަދި ދިއްދޫގައި މި ޤާއިމު ކުރެވޭ ޖޫނިއަރ ކޮލެޖުން ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ވީއެންމެ އަވަހަކަށް ފަހިވެގެންދާތަން އެންމެނަށް ފެނިގެން ދިއުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއްކަމުގައިވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު