އަހުމަދު މަސްނޫމް   12 އޭޕްރީލު 2023 - 17:7
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާކަން ޑރ. އަބްދުލް ހަންނާނު ވަހީދު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. ހަންނާނަކީ މަތީ ތައުލީމުގެ ފެންވަރު ބެލެހެއްޓުމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވައިގެން ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ފަރާތެވެ. އޭނާއަކީ ރާއްޖޭގެ މަތީ ތައުލީމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯވެސްމެއެވެ. ހަންނާނު ވަނީ މަތީ ތައުލީމުގެ ފެންވަރު ހިފެއްޓެވުމާއި ބެލެހެއްޓެވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.



ޖުމްހޫރީ ޕާޓީގެ ސްލޮޮޓެއްގައި މިސަރުކާރުގެ މަޤާމަކަށް ވަޑައިގެންނެވި ޑރ. ހަންނާނު ކުރެއްވި ޓްވީޓެއްގަައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުއަށް ތާއީދުކުރައްވާނެކަން ހާމަކޮށްފައެވެ. ހަންނާނު ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސާލިހު އިންތިހާބުކުރަންޖެހޭކަމަށާއި، އެއީ އެމަނިކުފާނަށް ހައްގު މަޤާމެއްކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަޤާމަށް ވަޑައިގެންނެވި ހަންނާނު ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމެވިއިރު، ޖޭޕީގެ އެހެން ބައެއް އިސް ބޭފުޅުންވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރަށްވާފައެވެ. އޭގެތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ނާއިބުންނާއި، ސަފީރުންނާއި އަދިވެސް އެހެން ބައެއް ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ސާލިހަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތްފަހުން ވަކިވަކި ފަރުދުންގެ އިތުރުން، ބައެއް ޕާޓީތަކުންވެސް ވަނީ އެމަނިކުފާނަށް ތާޢީދުކުރައްވަން ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު