އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނި، އެމް.ޑަބްލިޔު.އެސް.ސީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތުގައި، ފަހުމްނާމާގައި ސޮއިކުރެއްވީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މަރުކަޒުގެ އިސްވެރިޔާ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ތާރިޤް އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާޙް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އޮނޮރަބަލް ޔުމްނާ މައުމޫން ގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސަރވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ގެ ޚާއްސަ ލަފައާއި އިރުޝާދާއި އެކު، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިޔައްގެންދާ މަސައްކަތްތަކެކެވެ. އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރާއްޖޭގެ މުއްސަނދި ސަޤާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަޤާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

އާސާރީ ތަރިކަ ހިމާޔަތް ކުރުމާއި އެތަންތަން ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ މިފަދަ ފުރުޞަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއްކަމަށް އެކުންފުނިން ސިފަކުރެއެވެ. އަދި މިއީ މުޖްތަމަޢަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައި ކުންފުނިން ދެކޭކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީ އިން ފާހަގަކޮށްފައިވެއެވެ.

އެމް.ޑަބްލިއު.އެސް.ސީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު