މިމަހު 29 ގައި ފަށާ މޭޑޭ ޗުއްޓީއަށް ޗައިނާގެ އެންމެ ގިނަ ބަޔަކު އަންނާނެ އެއް ގައުމަކީ ރާއްޖެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވެފައި މިވަނީ ޗައިނާގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުޔާއެކު ގިނަ ބަޔަކު މޭޑޭ ޗުއްޓީއަށް ގައުމުން ބޭރަށް ދިއުމަށް ދަތުރުތައް ބިނާކުރަމުންދާ ދަނޑިވަޅެއްގައެވެ.

1 މޭގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޗައިނާގައި އޭޕްރިލް 29 އިން މޭމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 5 ދުވަހުގެ ޗުއްޓީއެއް ދެއެވެ. ހަބަރުތައް ބުނާގޮތުން ކޯވިޑަށްފަހު ގައުމުން ބޭރަށް ދަތުރުކުރުމަށް ދިން ލުއިތަކާއެކު ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު މި ޗުއްޓީގައި ގައުމުން ބޭރަށް ދަތުރު ކުރާނެއެވެ.



1.4 ބިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ޗުއްޓީގައި ޗައިނާގެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ދާނެކަމަށް ބެލެވެނީ ރާއްޖެ، ތައިލެންޑު އަދި ނިއުޒިލޭންޑަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ލިޒިންވެސް ވަނީ، ޗުއްޓީގައި ޗައިނާގެ އެންމެ ގިނަ ބަޔަކު އަންނަނީ ރާއްޖެއަށްކަން ފާހަގަކުރައްވާފައެވެ.

ހަބަރުތައް ބުނާގޮތުން މިދިޔަ ބުރާސްފަތި ދުވާހާއި ހަމައަށް ޗުއްޓީއަށް އެކި ތަންތަނަށް ދާން ބުކިން ހެދި މީހުންގެ އަދަދު ޗައިނާގައި ވަނީ 2019 ވަނަ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު އެ އަދަދު ވަނީ 7 ގުނަ އިތުރުވެފައެވެ. މީގެއިތުރުން ގައުމުން ބޭރަށް ދަތުރުތައް ބުކްކުރި މީހުންގެ އަދަދުވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 18 ގުނަ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު