މަގުމައްޗަށް ކުނި ނެރެން އެއްވެސް އިރަކު އާއްމުންނަށް އަންގާފައި ނޯންނާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން މިހެން ބުނީ އެކުންފުނިން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކޮށްފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، މިއަދު އެ ކުންފުނީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ގޭބިސީތަކުން ކުނި ނަގަން އޮންނަނީ ދެ ގޮތެއްކަމަށާއި އެއީ އެޕާޓްމަންޓްގެ ދޮރު މަތިން ކުނި ނެގުމާއި ގޭގެ އެންމެ ތިރީ ފުލޯއިން ކުނި ނެގުންކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގައި މަގުމައްޗަށް ކުނި ނެރުމަށް ނާންގާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެމްކޯގެ މަސައްކަތްތަކަށް ގެނެވުނު ބަދަލަކާއި ގުޅިގެން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިންއިރު މަގުމައްޗަށް ކުނި ނެރުމަށް ދޭހަވާ ގޮތަކަށް މައުލޫމާތެއް ދެވުނުކަން ފާހަގަވެފައިވާކަމަށެވެ. ނަމަވެސް ފަހުން އެކަން އިސްލާހުކޮށްފައި އާންމުންނަށް އެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މަގުމައްޗަށް ކުނި ނެރުމަށް އެ ކުންފުނިން ބާރު ނާޅާނެ ކަމަށާއި އެއީ ރައްކާތެރި ގޮތެއް ވެސް ނޫން ކަމަށެވެ. މަގުމަތީގައި ކުނި ގިނަވާ މައްސަލައިގައި އީޕީއޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އިއްޔެ ބަޔާނެއް ނެރެފައެވެ.

އެގޮތުން ކުނި ނެގުމުގެ ޚިދުމަތް ދޭ ފަރާތުން އައިސް ކުނި ނަގާނެކަމަށް ބަލައިގެން ގެއިން ބޭރުގައި ކުނި ބެހެއްޓުމާއި، ކުނި ނަގާ ގަޑިއަށް ބެލުމެއް ނެތި ކުނި މަގުތަކަށް ނެރުންފަދަ ކަންކަން ފާހަގަވެފައިވާކަމަށް އީޕީއޭއިން ބުނެއެވެ. އަދި އެކިއެކި މަސައްކަތްކުރާ ތަންތަނުން ކުނި ނެރެ މަގުތަކަށް ޖަމާކުރުމާއި، ބަލްކު ކުނި އުކައިދޭ އަގުބޮޑުކަމަށް ބުނެ މަގުތަކާއި ކަންކަންމައްޗަށް ކުނި އަޅާފައި ބަހައްޓާކަންވެސް ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެއިތުރުން ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތަކުންވެސް މަގުމައްޗަށް ކުނި ނެރުމަށް އަންގައިގެން ނުވާނެކަމަށާއި އަދި އެގޮތަށް އެންގިނަމަވެސް، ކުނި ކޮތަޅުތައް މަގުމަތީގައި ބަހައްޓައިގެން ނުވާނެކަމަށް އީޕީއޭއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު