ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 800,7 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 96.16 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.

420,1 މީހުންގެ އާބާދީގެ ބ. ހިތާދޫއަކީ ހީވާގި ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން ރަށުގައި މަސްވެރިކަން ކުރާ 4 މަސްދޯނި އޮންނައިރު، ރަނގަޅު ފެންވަރަކަށް ކޮންސްޓަރަކްޝަން މަސައްކަތްކުރާ 2 ފަރާތަކާއި ވަޑާމުގެ އެކި މަސައްކަތްކުރާ ފަރާތްތައް އެރަށުގައި އުޅެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު